06-04-2025

ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ދެ ބީދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޓަކް ބަހާދުރު ރިލަމީ، ނޭޕާލް (34އ) އާއި ބަހާރު އުދީން، ބަންގުލަދޭޝް (34އ) އެވެ.

 

މި ދެ މީހުންނަކީ ހުޅުމާލެ ފޭސް 1ގެ ފުލުހުން ރޭ 22:00 އެހައިކަންހާއިރު ޕެޓްރޯލް ކުރަމުންދިޔައިރު، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުންނެވެ.

 

ފޮށިގަނޑެއް ހިފައިގެން ޑިންގީން މި ދެ މީހުން ފެބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވެއެވެ. މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފެނިފައިވެއެވެ.

 

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައެވެ.