09-04-2025

އަމާޒަކީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ރައްޔިތުން ތަހައްމަލް ކުރަމުންދާ އުނދަގޫތައް ނައްތާލުން

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ރައްޔިތުން ތަހައްމަލް ކުރަމުންދާ އުނދަގޫތައް ނައްތާލުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

 

ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

 

ފޮރިން ލޭބަރ ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ބިދޭސީންގެ މައްސަލަ ވެފަ އޮތީ ޤައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

 

އަދި ސަރުކާރާ ހަވާލުވިިއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން އެ މީހުން މަސައްކަތްތައް ބިނާކޮށްފަ އޮތީ ވަޒީފާދޭ ފަރާތުގެ މަސައްކަތުގެ އިތުރަށް އެ މީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ކުރާ މަސައްކަތްތަކާއި ޖިނާޢީ ބޮޑެތި ކުށްތަކަށް އަރައިގަންނަމުންދާ ފަދަގޮތަކަށް ކަމަށްވެސް ޢަބްދުލްމަޖީދު ވިދާޅުވިއެވެ.

 

ރާއްޖޭގައި ޒަމާނުއްސުރެ އޮތް ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ ކަންކަމުގައި ވެސް ބިދޭސީން ހަރަކާތްތެރިވުން އިންތިހާއަށް އޮތް. އެނޫންވެސް ބިދޭސީން ދިޔައީ އަމިއްލަ ވިޔަފާރިތަކެއްވެސް ހިންގަމުން. ހަމައެކަނި ގްރޭޓަރ މާލެ ސަރަހައްދަށް ބަލާލިޔަސް އެ މީހުންގެ އަމިއްލަ ވިޔަފާރިތައް ހިންގާ މިންވަރާއި އަދި އެ މަންޒަރު އަޅުގަނޑުމެންނަށް ވަރަށް ގާތުން ތަޖުރިބާކުރެވޭނެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަޅުގަނޑުމެން މި ސަރުކާރާ ހަވާލުވިއިރު ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން އޮތް މައްސަލަތަކަކީ އެކަމަށް ދާއިމީ ގޮތެއްގައި އެޑްރެސްކުރެވި ދާއިމީ ހައްލެއް ބޭނުންވާ ހާލަތެއްގަ އެކަންކަން އޮތީ. ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް

 

ޢަބްދުލްމަޖީދު ވިދާޅުވީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

 

2023 ވަނަ އަހަރު ނިމިގެންދިޔައިރު ބިދޭސީންނާއި ގުޅުންހުރި ފީތައް ގަވާއިދުން ދައްކަމުންދިޔައީ އެންމެ 22 އިންސައްތަ މީހުން ނުވަތަ ކުންފުނިތަކުން ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 50 އިންސައްތައަށް މަތި ވެއްޖެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ ރެގިއުލޭޓްކުރުމަށްޓަކާ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ މިދިޔަ އަހަރު މެއި މަހުގެ 2ވަނަ ދުވަހުއެވެ.

 

ސްޓޭޓް ވިދާޅުވީ މި މަސައްކަތުގެ ދަށުން މިހާތަނަށް އެއްލައްކަ ނަވާރަ ހާސް ހަސަތޭކަ މީހުންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

 

ކުރަނގި އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ. މީގެ އިތުރަށް ރާއްޖެއަށް ބިދޭސީން ގެނައުމުގައި މިހާރު އޮތް ދަތިކަން ވެސް ފިލާނެ ކަމަށް ގަބޫލުކުރެއެވެ.