15-06-2025

ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރައްވާ ބައެއް: ވަޒީރު

 

ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރައްވާ ބައެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

ކަރެކްޝަނަލް އޮފިސަރ ޓްރޭނިންގ ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ އަލަށް ހުވާކުރި އޮފިސަރުން ގުޅުނީ ކަރެކްޝަންސްގައި ޚިދުމަތް ކުރުމަށް ކަމަށާއި މިއީ ވަރަށް ގިނަ އޮފިސަރުންގެ ބުރަ މަސައްކަތާއެކު ހިންގުން ހަރުދަނާ ވެފައިވާ މުވައްސަސާއެއްކަން ފާހަގަކުރައްވާފައެވެ.

 

އެހެންނަމަވެސް އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނު ނަމަވެސް ޒިންމާ އަދާކުރުމުގައި އިންތިހާއަށް މަސައްކަތުގެ މާހައުލުގައި ޒިންމާ އަދާކުރާ މުވައްސަސާއެއް ކަމުގައިވެސް ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

 

އަދި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ދިމާވާ ޙާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަނުކުރެއްވޭ ކަމަށްވެސް ވިދާޅުވެފައެވެ.

 

 

މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިޔަރ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

 

މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރި ޓްރޭނީންނަށް ޕްރިޒަން އޮފިސަރުންގެ ޙުވާ ލާދެއްވީ މާފުށީ ކޯޓްގެ ޣާޒީ ޢިއްޒަތްތެރި ފަނޑިޔާރު އަލްއުސްތާޛް ޖިނާން އިބްރާހިމް ލަޠީފްއެވެ.

 

ދަސްވެނިންނަށް މަރުޙަބާ ދަންނަވަމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންސްއަށް ބޭނުންވަނީ ޢިލްމީ އޮފިސަރުން ކަމަށާއި ޖަލުތަކުގައި މަސައްކަތްކުރަމުން ގެންދާ ހީވާގި، މުރާލި އޮފިސަރުން މަސައްކަތްކުރަމުން ގެންދަނީ މުޅި ޤައުމުގެ މަސްލަހަތައް ކަމަށެވެ.

 

އަދި ކޮރަޕްޝަނާއި ރިޝްވަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ސީޕީ ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރެއްވުމަށް ދަސްވެނިންގެ ކިބައިން އެދިވަޑައިގެންފައެވެ.