14-12-2025

ރަށްރަށުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުތަކުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ: ވަޒީރު

ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށްގެން ޙިދުމަތް ދޭން ފެށުމުން، ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ގޮތް ގޮތުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

 

ވަޒީރު މިހެން ވިދާޅުވީ، ރ. މާކުރަތުގައި ސަރުކާރުން ތަރައްޤީކުރި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހިންގާ އެންމެ ފުޅާ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްގެ ތެރެއިން ހުޅުވިގެންދާ ދެވަނަ ފުލުހުންގެ މަރުކަޒުކަން ފާހަގަކުރައްވައި، ކުރިއަށްއޮތް 2 އަހަރާއި ބައިގެ ތެރޭގައި މިވަގުތު މަސައްކަތް ހިނގަމުންދާ 140އަށް ވުރެ ގިނަ އިމާރާތްތަކުގެ ޕްރޮޖެކްޓްތައް ނިންމާ ފުލުހުންގެ ޚިދުމަތައް ބޭނުންވާ ގޮތައް އެތަންތަން ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

 

މީގެއިތުރުން ފުލުހުންގެ ހިދުމަތަށް ބޭނުންވާ އުމްރާނީ ތަރައްގީއަކީ އަގުބޮޑު އެހެންނަމަވެސް އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓްތަކެއް ކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

"އަދި މާކުރަތުގައި ގާއިމްކުރެވުނު ފުލުހުންގެ މަރުކަޒާއެކު ރ.އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ހިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށްގެން ޚިދުމަތް ދޭން ފެށުމުން، ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ގޮތް ގޮތުން ފަސޭހަތައް ލިބިގެންދާނެ. ވަޒީރު"

 

މީގެ އިތުރަށް ދިވެހި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ފުލުހުންގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ރަނގަޅަށް ފުރިހަމަކޮށް، ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވައުދުވިގޮތަށް ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

ރައީސްގެ ނިންމެވުމަކީ ދިވެހިރާއްޖެއަކީ އަމަންއަމާންކަން ފުރިހަމައަށް ގާއިމްވެފައިވާ އަދި ދިވެހި ކޮންމެ ރައްޔިތަކަށް އަމާންއަމާންކަން ކަށަވަރުކުރެވޭ ގޮތަށް ކުރައްވާ ބުރަ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

 

ވަޒީރު ވަނީ ރާއްޖޭގައި ގޭންގް ހަދައިގެން ކުއްކުރުމުގެ މާހައުލު ނައްތާލުމާއި، ގަވައިދާ ޚިލާފައް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށުގެ މާހައުލައް ވަންނަމުންމިދާ ދިއުން ހުއްޓުވުމާއި ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރައްވަމުންގެންދަވާ ކަމެއްކަންވެސް ފާހަގަކުރައްވާފައެވެ.

 

މިރަސްމިއްޔާތުގައިވަނީ މާކުރަތު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ލިޔުން ދެއްވާފައެވެ. މިލިޔުން އެފަރާތްތަކަށް ހަވާލުކޮށްދެއްވީ ވަޒީރު އަލީ އިހުސާންއެވެ