21-11-2024

ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސްގެ ތަޞައްވުރެއް: ވަޒީރު

ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

 

ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް (ޑީޖޭޖޭ)ގެ އައު ލޯގޯ އިފްތިތާޙް ކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކުޑަކުދިންނަކީ އޭގެ ޒާތުގައި ކުށްކުރާ ބައެއް ނޫން ކަމަށާއި އެހެންނަމަވެސް މުޖްތަމަޢުގެ ތެރޭ ކަންކަން އޮންނަ ގޮތުން ކުދިން ކުށްތަކަށް ހުށަހެޅި އޭގެއިން ސަލާމަތް ނުވެ ކުށްވެރިންނަށް ވެގެންދާ ކަމަށެވެ.

 

ރާއްޖޭގެ ކުށުގެ ވެށީގެ އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރައީސްގެ މިއުއްމީދު އަދި ވަޢުދުފުޅު ކާމިޔާބުކޮށް ޑެލިވަރ ކުރުމަށް ޑީޖޭޖޭގެ މަސައްކަތް ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.

 

ވަޒީރު ވިދާޅުވީ، ކުޑަކުދިން ޢަދުލުގެ ނިޒާމުގެ ތެރެއަށް ނުގޮސް އެކުދިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދީ ކާމިޔާބު ޒުވާނުންނަށް ހެދުމުގެ މަސައްކަތަކީ ޑީޖޭޖޭއާ ހަވާލުކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

 

މިހާތަނަށް އެޑިޕާޓްމަންޓުގެ މަސައްކަތް ކުރެވެމުން އައިއިރު، އެކަށީގެންވާ ވަރަށް ވަސީލަތްތައް ޤާއިމް ކުރެވިފައި ނެތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ އިދާރާއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯއްދަވައި ދެއްވުން ކަމަށެވެ.

 

"އަޅުގަނޑު ޤަބޫލުކުރަން މިޑިޕާޓްމަންޓަށް ބޭނުން ހުރިހާ ވަސީލަތެއް އަދި އިންސާނީ ވަސީލަތެއް އަދި ފޯރުކޮށް ނުދެވޭ. އަޅުގަނޑުމެންގެ އަމާޒަކީ މި ދައުރުތެރޭ މި ޑިޕާޓްމަންޓަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދިނުން. އެކަމަށްޓަކައި ރާއްޖޭގެ ދިމަ ދިމާލުގައި ޤާއިމްކުރަން ޖެހޭ ޖުވެނައިލް ޖަސްޓިސްގެ ޔުނިޓްތަކާއި، އޭގެ އިތުރުން ތިބޭފުޅުންގެ މަސައްކަތަށް ބޭނުންވާ ފެސިލިޓީސްތައް ތައްޔާރުކޮށްފައި، މިޑިޕާޓްމަންޓާއި ހަވާލުކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަން ދީގެން ކުރާ އެއްކަންތައް. ވަޒީރު އިޙްސާން"

 

ރާއްޖޭގައި ފާހަގަކުރެވޭ ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

 

ކުށްކުރާ ގްރޫޕުތަކުގެ ބިރުވެރިކަން މާލެ ސަރަހައްދާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެބައޮތް ކަމަށާއި މަސްތުވާތަކެއްޗާއި ގްރޫޕުތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށް ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ސަރުކާރުން ދެކެއެވެ. އަދި އެފަދަ ގްރޫޕުތަކުން 18 ނުފުރޭ ކުޑަކުދިން ރެކްރޫޓު ކުރާ ކަމަށާއި، އެހެންކަމުން އެކުދިން ރިހެބިލިޓޭޓް ކުރުމުގެ އިތުރުން މިފަދަ ގްރޫޕުތަކުގެ ބޮޑުންނާ ހަމައަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.