ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތަށް އިންޑިއާ ސަރުކާރުން 8.5 މިލިއަން ރުފިޔާ ދީފައި ވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިކަން އިއުލާންކުރެއްވީ ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވަނީ އިންޑިއާއިން ދެއްވި ހިލޭ އެހީއަށް ޚާއްސަ ޝުކުރެއް ދަންނަވާ، މި ހިލޭ އެހީން ދައްކުވައިދެނީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އޮތް ޚާއްސަ ގުޅުން ކަމަށްވެސް ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު އޮފިސަރުންނާއި މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމް ޓީމުގެ ތެރޭގައި ހިމެނޭ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމަކީ އަޒުމް ވަރުގަދަ ޗެލެންޖެއް ކަމަށް ވިދާޅުވެފައެވެ.
"މިކަންކަމަކީ މިއަދު ރައްޔިތުން ފުލުހުންގެ ފަރާތުން އެދޭ އެދުން. މިކަންކަމަކީ ފަސޭހަ ކަންކަމެއް ނޫން. ތިކުދިން މިކަންކަމާ ކުރިމަތިލައިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ އޭގައި ހުރަސްތަކެއް ހިމެނޭނެ ފިޔަވަޅުތަކެއް. ވަކިން ޚާއްސަކޮށް ރާއްޖޭގެ މާހައުލު އޮތް ގޮތުން ކޮރަޕްޝަނާ ކަންކަމަށް ނުފޫޒުފޯރުވުމާއި މިކަންކަމަކީ ކަނޑައެޅިގެން ނޫނެކޭ ބުނަންޖެހޭ ކަންކަން. މިއީ ހިތްވަރު ހުރެގެން ކެރިގެން ﷲ ގަންދީ ކުރާ ހުވާގެ މަތީގައި ތިބެގެން ދިވެހި ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރަން ނިކުމެގެން ނޫނީ ކުރެވޭނެ ކަންކަމެއް ނޫން. ތިޔައިން ކޮންމެ ކުއްޖެއްގެ އަޒުމަކަށްވާންވީ ހަށިގަނޑާއި ފުރާނައިން ގުރުބާންވެގެން މިކަންކަން ރައްޔިތުންނަށްޓަކައި ކޮށްދޭނެ ކަމަށް. ރައްޔިތުންގެ އެދުމަކީވެސް އެއީ. އަޅުގަނޑު ތި ކުދިންގެ ކިބައިން އެދެން ބޭނުންވާ ކަމަކީވެސް އެއީ. ވަޒީރު"
ދާޚިލީ ވުޒާރާ އެކުލަވާލާފައިވަނީ ނަތީޖާ ނެރޭ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަކަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަދު ފުލުހުން މަސައްކަތް ކުރަމުންދަނީ ވަރަށް ބުރަކޮށް ކަމަށެވެ.
މިނިސްޓަރ ވަނީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ފުލުހުން ހޯދާފައިވާ ކާމިޔާބަށް ފަޚުރުވެރިވާ ކަމަށާއި އަދި މުޅި ޖުމްލަކޮށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރުދަންނަވާފައެވެ.
"ޑްރަގުގެ މައްސަލަ ހައްލުކުރުމުގެ ތެރެއިން ތިން ސަތޭކަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގު ވަނީ އިންޓަރސެޕްޓް ކުރެވިފަ. ރާއްޖޭގެ ސަރަހައްދުން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކުގަ 1.3 ބިލިއަން ދިވެހި ރުފިޔާގެ ޑްރަގްސް ވަނީ އާންމު މާހައުލަށް ދިޔުމުގެ ކުރިން ހުއްޓިފަ. މިކަންކަމުން ފުލުހުން ވަނީ ނަތީޖާ ދައްކާފަ. ތިކުދިން ތި ގުޅެނީ މިދެންނެވި މަސައްކަތް ކުރަމުން އަންނަ ސަފުތަކާ. ވަޒީރު"
ދަސްވެނިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދާ އިރު އިންސާނީ ހައްގުތަކަށް ރައްކާތެރިވުމާއި ރައްޔިތުން އެދޭފަދަ އިހްސާންތެރިކާމާއި ލޯތްބާއި ކުލުނާއެކު ޚިދުމަތްދޭ ފުލުހުންތަކަކަށް ވުމަށް އެދިވަޑައިގެންފައެވެ.