12-12-2024

ކަސްޓަމްސްއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ގަބޫލުކުރާ ފަދަ ޚިދުމަތްތަކަށް ވާންވާނެ : ވަޒީރު

ކަސްޓަމްސްއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ގަބޫލުކުރާ ފަދަ ޚިދުމަތްތަކަށް ހެއްދެވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.

އައްޑޫ ސިޓީ މަރަދޫގައި ދެކުނު ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ އައްޑޫއަކީ މަދު ވިޔަފާރިވެރިން ތިބި ނަމަވެސް ގިނަ މުދާ އެތެރެކުވޭ ތަނެއް ކަމަށާއި އެހެންކަމުން ވިޔަފާރިތަކަށް ފަހިވާގޮތަށް ކަންކަން އިންތިޒާމުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެއިތުރުން އަލަށް ހުޅުވުނު ކަސްޓަމްސް އޮފީހުގެ މަސައްކަތް ބައްޓަންވެގެން ދާނީ މިސަރަހައްދުގެ ޑޮކިއުމެންޓޭޝަން މަސައްކަތަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކަސްޓަމްސްއިން ދޭ ބައެއް ޚިދުމަތްތައް މާލެއިން ބޭރުގައި ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.

"މިސަރަހައްދުގެ ގިނަ ޑޮކިއުމެންޓޭޝަން މަސައްކަތް ކުރުމަށް މިއޮފީސް ބައްޓަން ވެގެންދަނީ. ކުރިއަށް އޮތްތާ އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މުޅި ރާއްޖޭގައިވެސް ކަސްޓަމްސް ބައެއް ޚިދުމަތްތައް ދެވޭ ވަރުގެ އޮފީހަކަށް މިއޮފީސް ވެގެން އައުން." ވަޒީރު އިހުސާން

އަދި އައު އިމާރާތުގައި މުވައްޒަފުންގެ މަސައްކަތުގެ ޖާގައިގެ އިތުރުން، މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ޚާއްސަ ކްލާސްރޫމްތަކެއްވެސް ގާއިމުކުރެވިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ކޮންފަރެންސް ހޯލަކާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްވެސް މި އިމާރާތުގައި ހިމެނިފައިވާ ކަމަށް ވިދާޅުވެފައެވެ.

ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ހުޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި އެތަނުގެ ދިދަ ވަޒީރު އިޙްސާނާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ނަންގަވައިދެއްވާފައެވެ.