ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން
`
ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު
(30 އޮގަސްޓް 2025)
ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދާ ޝުކުރުކުރަން. އެކަނލާގެ މާތް ރަސޫލާ މުޙައްމަދު ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީ، ކޮލްޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުގެ އެގްޒެކްޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބުދުއްރަހްމާން، ބޭރުގެ ދައުލަތްތަކުގެ ސަފީރުން، މިރަސްމިއްޔާތަށް ވަޑައިގެންދެއްވި އެންމެހާ ޢިއްޒަތްތެރިން، މިރަސްމިއްޔާތުގަ އެބަޔަކަށްޓަކައި އަޅުގަނޑުމެން ޚާއްޞަކޮށްގެން ޝަރަފް އެރުވިގެންމިދާ މިދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން، އަދި 40 ވަނަ އިނިޝިއަލް ކޯސް ފުރިހަމަކޮށް މިއަދު ދަސްވެނިވެގެންދާ ހުރިހާ ފުލުހުން.
السلام عليكم ورحمة الله وبركاته.
ގްރެޖުއޭޝަންގެ ރަސްމިއްޔާތަކީ ކޮންމެ މުއައްސަސާއަކަށްވަދެ އެމުއައްސަސާގެ ތަމްރީނެއް ފުރިހަމަކުރާ ފަރާތަކަށް އެންމެ ޚާއްޞަ އެއްދުވަސް. ފުލުހުންފަދަ ގައުމީ ޚިދުމަތަކަށް، ސަލާމަތީ ޚިދުމަތަކަށް ވަދެ އެ ޚިދުމަތުގެ އަސާސީ ތަމްރީނެއް ފުރިހަމަކޮށް ނިންމުމަކީ ހަމަގައިމުވެސް ކާމިޔާބު އެބަޔަކަށް ލިބިފައިވާ އަދި ހިތުގައި ޝަރަފާ ފަޚުރު ބިންވަޅުނެގިގެންދާ އެބަޔަކު އެދުވަހެއްގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކުލަގަދަ ޚާއްޞަ ރަސްމިއްޔާތެއް. މިކަމަށްޓކައި ތިޔަ ދަރިވަރުން ތިޔަ ފުލުހުން، ފާއިތުވި 04 މަސް ދުވަހުގެ ތެރޭގައި ކުރި ބުރަ މަސައްކަތާއި އަދި ފުރިހަމަ ތަމްރީނަށްޓަކައި ހުރިހާ ފުލުހުންނަށް އައްސަރިބަހާއި ސާބަސް އަދި މަރުޙަބާ ދަންނަވަން. ހަމަ މިނޭވާގައި ފުލުހުންނަކީ ދިވެހި ދައުލަތަށް ފުރިހަމަކަމާއެކު ޚިދުމަތް ކުރެވޭގޮތަށް ނެރެވިފަ ތިބި ފުލުހުން ކަމަށް ޔަޤީން ކުރުމަށްޓަކައި ތަމްރީންތައް ރާވާ ހިންގަވައި ދެއްވި އެންމެހާ މުދައްރިބުންނަށް އައްސަރިބަހާ ސާބަސް އަދި ޝުކުރު ދަންނަވަން.
މި ފުލުހުން ދިވެހިރާއްޖޭގެ ޚިދުމަތަށް ނެރެ 04 ވަރަކަށް މަސްދުވަހު މިފަދަ ތަމްރީނެއްގައި އުޅޭއިރުގަ ފުލުހުންގެ އާއިލާތައް ތަހައްމަލުކުރަމުންދާނީ އެހެންކަހަލަ އިހްސާސްތަކެއް. އުނދަނގޫ ދުވަސްތަކެއް. ބައެއްފަހަރަށް ހިތްދަތި ދުވަސްތަކެއް އަނެއްބައިފަހަރަށް އުފާވެރި ދުވަސްތަކެއް. އަދި ދަރިއަކު މިހާ ދުވަހަށް ގޭގައި ގެންގުޅުއްވާފަ ކިޔަވާދެއްވާފަ ދައުލަތުގެ ޚިދުމަތަށް މިގޮތަށް ނެރެ ދެއްވުމަކީ ބެލެނިވެރިއަކަށް ކުރެވިދާނެ އެންމެބޮޑު އެއް ގައުމީ ޚިދުމަތް. މިކަމަށް ޓަކައި މިރޭ މިދަސްވެނިވާ ހުރިހާ ފުލުހުންގެ ބެލެނިވެރިންނަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
މިރޭގެ އެކިއެކި ވަނަތައް ޙާޞިލްކުރި ހުރިހާ ފުލުހުން، ތިފުލުހުން މިއަދު އަސާސީ ތަމްރީންކޯސް ނިމުނުއިރުވެސް މިވަނީ ތިޔައިގެ ތެރެއިން ކުދިންނަކީ ކާމިޔާބު ކުދިންކަމަށް، އަދި ޚާއްޞަ ކުދިންގެ ގޮތުގައި ޝަރަފްވެރި ވަނަތަކެއް ހޯއްދަވާފައި. އަޅުގަނޑު ތި ހުރިހާ ބޭފުޅުންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާ ހާލު ކުރިއަށް އޮތްތާނގަވެސް ފުލުހުންގެ ޚިދުމަތުގައި ފާހަނގަ ވާފަދަ ޚިދުމަތްތަކެއްކުރާ ފުލުހުންނަށް ވުމަށް ނަޞޭޙަތްތެރިވަން.
ޔުނިފޯމުގަ ގައުމަށް ޚިދުމަތް ކުރުމަކީ އާދައިގެ ކަމެއްނޫން. ވަކިން ޚާއްޞަކޮށް ފުލުހުންގެ މުއައްސަސާފަދަ އާއްމުކޮށް ރަތްކާތެރިނޫން ހާލަތްތަކުގައި މީހުންގޮވާ ޚިދުމަތަށް އެދޭފަދަ މުއައްސަސާއެއްގެ ޚިދުމަތަށް ނިކުތުމަކީ ވަކިން ޚާއްޞަކަމެއް. މިއީ ހިތްވަރާ ކެރުން ހުރެގެން ގައުމަށް ލޯތްބެއް އޮވެގެން އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އާދަޔާޚިލާފު ވިސްނުމެއް ހުރެގެންމެނުވިއްޔާ ކުރެވޭ ކަމެއްނޫން. މިކަމަށްޓކައި މިއަދު ތަމްރީން ހާޞިލްކޮށް ފުލުހުންގެ ސަފުތަކަށް ރަސްމީކޮށްވަދެ ފުރިހަމަ ޚިދުމަތަށް ނިކުންނަ ތިޔަ ހުރިހާ ކުދިންނަށް އައްސަރިބަހާ ސާބަސް ދަންނަވަން. ފުލުހުންގެ ޚިދުމަތަކީ ގައުމެއް ކުރިއަށް ދިއުމަށް އެގައުމެއްގަ އޮނަންޖެހޭ މުހިންމު އަސާސްތަކެއް ހިފަހައްޓާ ޚިދުމަތެއް. އެގޮތުން ގައުމެއްގެ ސަލާމަތާ ރަތްކާތެރިކަމާ ގައުމެއްގަ އޮނަންޖެހޭ ހަމަޖެހުން ހިފެހެއްޓުމުގެ ފުރިހަމަ ޒިންމާ މިއޮންނަނީ ފުލުހުންގެ ބޮލުގަ އެޅިފަ.
ދިވެހިރާއްޖޭގެ ފުލުހުންނަކީވެސް މި ދިވެހިރާއްޖޭގެ ހަމަޖެހުމާ ސަލާމަތާ ރަތްކާތެރިކަން އަދި ރައްޔިތުންގެ މުދަލާ ރައްޔިތުން އުޅޭއުޅުމުގަ މާހައުލުގެ ރަތްކާތެރިކަން އަދި ބޭރުފަރާތްތަކުންނާއި ދިވެހިންގެ ތެރެއިން ރައްޖެއަށް އިންވެސްޓްކޮށްގެން ވިޔަފާރިއާއި މުދަލުގެ ރަތްކާތެރިކަން ކަށަވަރުކުރާ ފަރާތް. މިކަންކަން މިދެންނެވިގޮތަށް ނުބެލެހެއްޓޭނަމަ ދިވެހިރާއްޖެ ކުރިއެރުމަށް ހުރަސްއެޅޭނެ. ދިވެހިރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ދިވެހިރާއްޖެއަށް އިންވެސްޓް ކުރަން އަންނަ ބޭރު ފަރާތްތަކާ ދިވެހިރާއްޖެއިން ޚިދުމަތް ލިބިގަންނަން އަންނަ ފަތުރުވެރިންނަށް މިކަންކަމަށް ބުރޫއަރާނެ. އެހެންކަމާއެކު މިޚިދުމަތް ފުރިހަމަގޮތުގައި ދެވޭ އަދި ރައްޔިތުން ބަލައިގަންނަގޮތުގައި ދެވުމަކީ ދިވެހި ފުލުހުން ކޮންމެހެން ކުރަންޖެހޭ ކަމެއް.
މިއަދާ ހިސާބަށް އައިރު އަޅުގަނޑު ވަރަސް ފަޚުރުވެރިވޭ ދިވެހި ފުލުހުންގެ ޚިދުމަތާ ދޭތެރޭގައި. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންވާނީ ދިވެހިރައްޖޭގެ ކޮންމެ ރައްޔިތަކީ އަޅުގަނޑުމެން އެބަޔަކަސް އިޙްތިރާމާ ގަދަރުދޭ އެކުވެރިކަމާއެކު ހިނިތުންވުމާއެކު ޚިދުމަތްދޭ ބަޔަކަށް. ކުށަށް އަރައިގަންނަ ހާލަތުގަވެސް. އަދި ގާނޫނާ ޚިލާފުވާ ހާލަތުގަވެސް އެމީހާއަށް ލިބިގެންވާ އިންސާނީ ހައްގާ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމާ އެކުގަ ދިވެހި ފުލުހުންގެ ގާނޫނީ ދައުރު އަދާކުރަންޖެހޭނީ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މި ދެންނެވި ބީދައިން ޚިދުމަތް ދެވޭނެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ތަރުތީބު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަދުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. މިހާރު ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތް ފިޒިކަލީ އެތަނެއްގައި ގާއިމުވެގެން ފުރިހަމައަށް ދެވޭނެގޮތަށް ހިންގަމުންމިދާ ޕްރޮޖެކްޓަކީ އޭގެ އެއް ނަމޫނާ. ދިވެހި ފުލުހުންނަށް ބޭނުންވާ އިންފުރާސްޓްރަކްޗަރ ރަނަގަޅުގޮތުގައި ގާއިމުކުރުމުގެ ބިޔަ ބޮޑު ޕްރޮޖެކްޓެއް މިވަގުތު ރާއްޖޭގައި ހިނގަމުން އެބަދޭ. 100 އަށްވުރެ ގިނަރަށަށް ކޮމިޓްމެންޓެ ދެވި މަސައްކަތްތައް އެކިހިސާބުތަކުގައި ފެށިފައިމިވަނީ. މިހުރިހާ ކަމެއް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން އެގެންދަވަނީ ދިވެހިރައްޔިތުންނަށް އެންމެ އެދެވޭފަދަ ޚިދުމަތެއް ތިޔަ ޢިއްޒަތްތެރި ފުލުހުންގެ ފަރާތުން ހޯދާ ދިނުމަށް.
މިއަދު ނިމިގެން ރަސްމީކޮށް ގުޅޭ ހުރިހާ ފަރާތްތަކަށް ހަނދާންކޮށްލަދޭން ބޭނުންވަނީ އަޅުގަނޑުމެން އެންމެނަކީ ދިވެހި ރައްޔިތުންގެ ތެރެއިންވާ ދިވެހިރައްޔިތުންގެ ތެރެއިން ޚާއްޞަ ބާރުތަކަކާ އިމްތިޔާޒްތަކަކާ އަދި ޒިންމާތަކެއް ހަވާލުކުރެވިފައިތިބި ދިވެހިރައްޔިތުންނޭ. އެހެންކަމުން އަޅުގަނޑުމެނަކީވެސް ރައްޔިތުންކަމަށް ދެކިގެން، އަދި އަޅުގަނޑުމެން މިޚިދުމަތް ދެމުންދަނީ އަޅުގަނޑުމެންގެ ތެރެއިން ރައްޔިތުންނަށްކަމަށް ގަބޫލުކޮށްގެން އެފަދަ ފެންވަރު ރަނގަޅު އިޚްލާޞްތެރި އަދި ރަޙްމަތްތެރިކަމާއެކު ހިނުތުންވުމާއެކު ދެވޭ ޚިދުމަތެއްގެ ގޮތުގައި މިޚިދުމަތް ބައްޓަންކޮށް ޚިދުމަތް ދިނުމުގައި ކޮންމެ ދުވަހަވެސް އުޅުމަކީ އަޅުގަނޑު ތިބޭފުޅުންގެ ފަރާތުން އަދި ސަރުކާރުގެ ފަރާތުން އެދެންއޮތް އެދުން.
ދުނިޔޭގެ އެހެނިހެން ގައުމުތަކުގަވެސް މިއަދު ހިނގަމުންދާ ސަލާމަތާއި ރަތްކާތެރިކަމުގެ މާހައުލުގެ ތެރޭގަ ހިނގަމުންދާ އެންމެ ޗެލެންޖިންގ އުނދަގޫ ބޮޑު ކަންތައް ދިވެހިރާއްޖޭގަވެސް ހިނގަމުންދޭ. މިގޮތުން ޑްރަގްސް މައްސަލައަކީ ދިވެހިރާއްޖޭގައި އެންމެ ބޮޑުވެފައި އޮތް އެއްމައްސަލަ. ގޭންގް ހަދައިގެން ކުށްކުރުމަކީ މީގެ އަނެއް މައްސަލަ. ގަވާއިދާ ޚިލާފަށް ބިދޭސީން އެއްވެސް ލިމިޓެއް ނެތި ރާއްޖޭގައި އުޅެމުން އައި އުޅުން މީ އެންމެބޮޑުވެފައިވާ އަނެއް މައްސަލަ. މިރާއްޖޭގެ ތުއްތު ކުދިން ކުށުގެ މާހައުލުގަ އުޅެމުންދާދިއުން އަދި އެކުދިން ކުށަށް ވައްދަމުން ދިއުން މީއަނެއް މައްސަލަ.
އަދުގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ފުލުހުންނަށް ގާނޫނީގޮތުން މަތިވެފައިވާ ހުރިހާ ޒިންމާ ތަކުގެ އިތުރަށް ވަކިން ޚާއްޞަކޮށް ހައްލުކުރުމަށް ހަވާލުކުރެވިފައިވާ 04 މަސައްކަތަކީ މި ދެންނެވި ކަންކަމާ ގުޅުންހުރި މަސައްކަތް. ދިވެހިރާއްޖެ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތް ކުރުމާއި ގޭންގް ހަދައިގެން ކުށުގެ މާހައުލުގައި އުޅެމުން ކުށަށް އަރައިގަތުން، ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މާހައުލު މިއޮތް އޮތުން ނައްތާލުމާއި އަދި ދިވެހިރައްޖޭގެ ކުޑަކުދިން ކުށުގެ މާހައުލުގަ އުޅެމުންދާ ދިއުން އެއްކޮށް ހައްލުކުރުން. މި ޚާއްޞަ މިޝަންތަކަކީ މިއަދު ހުވާކޮށްގެން ތަމްރީން ލިބިގެން ފުލުހުންގެ ރަސްމީ ވަޒީފާއާއި ގުޅިގެން އަންނަ ތި ހުރިހާ ކުދިންނަށް ކޮންމެހެން ޒިންމާވާންޖެހޭ ކަންތައްތައް. ދިވެހި ފުލުހުން މިއަދު ތިބި ކޮންމެ ފަރާތެއްގަވެސް ޚާއްޞަ އިސްކަމެއް ދީގެން ކުރަން ހަވާލުކުރެވިފައިވާ މަސައްކަތެއް. މިކަންކަމުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް ކާމިޔާބީ ހާސިލުކޮށްދިނުމަކީ އަޅުގަނޑު ތިފުލުހުންގެ ފަރާތުން އެދޭ ޚާއްޞަ އެދުމެއް.
ފުލުހުންގެ ކޮށްމެ އޮފިސަރަކީ އިންޓަރގްރިޓީއާއިއެކު މަސައްކަތްކުރާ އޮފިސަރަކަށް ވާންޖެހޭ. އަޅުގަނޑުމެން މިއަދާ ކުރަމުންދާ ވަޒީފާއަކީ ނިސްބަތުން ބަލާއިރުގަ 24 ގައިޑިއިރުގެ ވަޒީފާއަކަށް އެހާ ބޮޑު އުޖޫރައެއްނޫން. މިހެން ހާލަތު އޮތަތީ އަދި ރާއްޖޭގެ އިޖްތިމާއީ މައްސަލަތައް ނުހަނު ގިނަވާތީ ފުލުހުންނަކީވެސް އެކިއިރުމަތިން އެކިފަހަރުމަތިން އެކިމީހުން އަޅުގަނޑުމެންގެ ޔުނިފޯމާއި އަބުރާއި ޢިއްޒަތާއި ކަރާމާތް ގަންނަން އުޅެފާނެ މީހުން. މިފަދަ ހާލަތްތަކުގައި އެފަދަ ކަންކަމަށް ނޫނެކޭ ބުނެ ފުލުހުންގެ އިންޓަރގްރިޓީ ހިފަހައްޓާ ފުލުހުންގެ މުއައްސަސާގެ ކަރާމާތް ހިފަހައްޓާ އަދި ކޮންމެ ފުލުހަކީ އެމީހެއްގެ ވާޖިބުގައި ފުރިހަމައަށް ހުރި ފުލުހެއްކަން ރަމްޒުކޮށް ދިނުމަކީ މިއަދު ތިބޭފުޅުންނަށް އޮންނާނެ ޗެލެންޖެއް. އިރާދަކުރެއްވިއްޔާ ފުލުހުންގެ ތެރޭގައި މިކަން މަދު. މަދުން ނަމަވެސް އަޅުގަންޑުމެންގެ ތެރޭގައި މިކަން އޮތް. އެހެންނަމަވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިދަނީ މިކަމަށްޓަކައި ފިޔަވަޅުތައް އަޅަމުން. އަޅުގަނޑު ކޮންމެ ފުލުހެއްގެ ފަރާތުން އެދޭނެ އެދުމަކީ މިފަދަ ކަމަކަށް އަޅުގަނޑުމެންގެ ސަފުތަކުގެ ތެރޭގައި އެއްވެސް ޖާގައެއް ނުދިނުން.
ދިވެހިރާއްޖޭގެ ސަލާމަތާއި ރަތްކާތެރިކަން ކަށަވަރުކޮށް އަބަދުގެ އަބަދަށް ބެލެހެއްޓުމަކީ ދިވެހި ފުލުހުންގެ އެންމެ މަތީ އަމާޒުކަމުގައި އަބަދުވެސް ވާންޖެހޭނެ. މިގޮތުން އަޅުގަނޑުމެން މަގުތަކުގައި ހިނގާ އާންމު މީހާކަށް އޭނާ ގެއިން ނިކުމެގެން އެދާ ތަނަކަށް ގޮސް އެނބުރި އައުމަށް އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ސަލާމަތާއި ރަތްކާތެރިކަން ކަށަވަރުވާނެކަމުގެ ޔަގީންކަން އޮވެގެން ގެއިން ނިކުންނާނެ ދުވަހެއް ގާއިމުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައިއަމާޒުކަމަށް ވާންވާނެ.
އަޅުގަނޑު އަދިވެސް އެއްފަހަރު މިރޭގެ މިތަމްރީން ފުރިހަމަކޮށް ކާމިޔާބީ ޙަޞިލުކުރި ހުރިހާ ބޭފުޅުންނަށް ތިޔަ ހުރިހާ ފުލުހުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވަން. އަޅުގަނޑު އެދެނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކީވެސް އިތުރު ތަމްރީން ހޯދުމަށާއި ދިވެހިރައްޔިތުންނަށް މިއަށްވުރެ ފުރިހަމައަށް ޚިދުމަތް ދިނުމަށް ތައްޔާރުވާން އަދި އަމިއްލަ ނަފްސް ބިނާކުރަން ހޭދަ ކުރާނެ ދުވަހެއްގެ ގޮތުގައި ތިކުދިން ހަދާނެކަމަށް.
މިފުލުހުންގެ ބެލެނިވެރިންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން މަރުޙަބާ ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން. ދިވެހި ގައުމަކީ އަބަދުމެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ގައުމެއްގެގޮތުގައި އެކަނލާގެ މިންވަރުކުރެއްވުން.
ކުރިއަށް ދިވެހި ގައުމު.
والسلام عليكم ورحمة الله وبركاته.