މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފެށުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު

`

މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފެށުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި   ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ  އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ދެއްކެވި ވާހަކަފުޅު

(15 ނޮވެމްބަރ 2025)

 

ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޙަމްދާއި ޝުކުރުކުރަން. އަޅުގަނޑުމެންގެ  މާތް ރަސޫލާ މުޙައްމަދު  އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.  އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އާލު އަޞްޙާބުން ޝާމިލް ކުރަން.

 

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީ، އެމްޓީސީސީ ގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ  އޮފް ޕޮލިސް (ރިޓަޔަރޑް )އަހްމަދު ސަޢުދީ، އިންނަމާދޫ ކައުންސިލްގެ ރައީސް، ފުލުހުންގެ އެގްޒެކްޓިވް އޮފިސަރުން، ޙާޟިރުވެ ތިއްބެއްވި އެންމެހާ ފުލުހުން، އިންނަމާދޫގެ ލޮބުވެތި ރައްޔިތުން، އަދުގެ ރަސްމިއްޔާތު ބައްލަވަމުން އަޑު އައްސަވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން.

 

السلام عليكم ورحمة الله وبركاته. 

 

ދެންމެ ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވި ފަދައިން މިރެއަކީ ވަރަށް ތާރީޚީ ރެއެއް. ދިވެހި ރައްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ މިވަތު ހަވާލުވެގެން ހުރި ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް އަދި ފަޚުރެއް. ދިވެހި ރާއްޖޭގެ ޢިއްޒަތެރި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ދިވެހި ފުލުހުންނަށް މިއަދު މަރުހަބާއާއި ތަހުނިޔާ އަރިސްކުރަން.

 

އަލުގަނޑުމެން މިކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް،  އެކަށީގެންވާރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފަ އޮތް މާހައުލެއް ގާއިމުކުރުމުގެ މަސައްކަތް. މިމަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުންވަނީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުވެ ޚިދުމަތް ދެމުން ގޮއްސަ. މިކަން މިގޮތަށްހިނގާތާ އެތަކެއް އަހަރު ވެއްޖެ. 2023 ވަނައަހރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ދިވެހި ރައްޖޭގެ ވެރިކަމާ އަދުގެ ރައީސުލްޖުމްހޫރިއްޔާ ހާވަލުވެ ވަޑައިގެންނެވިއިރު ދިވެހިރައްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 121 ރަށުގަ ދިވެހި ފުލުހުން ދަނީ ޚިދުމަތް ދެމުން. މީގެ ތެރެއިން ދިވެހި ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ޚިދުމަތް ދެމުން އަންނަނީ އެންމެ 17 ރަށުގައި. ދިވެހި ފުލުހުންގެ އަމިއްލަ އިމާރާތްތަކަކީ ފުލުހުންގެ ޚިދުމަތް އެރަށެއްގައި ދޭން އެންމެ އެކަށީގެންވާ ގޮތަށް، ބޭނުންވާ ވަސީލަތްތާކާއި ބޭނުންވާ ޖާގައައީ އަދި އެޚިދުމަތް ދިނުމުގައި ހަރާކާތްތެރިވަމުން އަންނަ ފުލުހުން އާއިލާތަކާ ދުރުގައި ރަށްރަށުގަ ޚިދުމަތް ކުރަމުންދާއިރު އެންމެ އެދެވޭ ގޮތަކަށް އެފުލުހުންގެ ދިރިއުޅުމުގެ ކަންކަންވެސް ހަމަޖެހިފަ ހުންނަ އިމާރާތްތަކެއް. މިފަދަ ގޮތަކަށް ނޫން ގޮތަކަށް ބާކީ މިދެންނެވި 121 ރަށުގަ ހުރި ރަށްތަކުގަ ދިވެހި ފުލުހުން ޚިދުމަތް ދެމުން އައީ ވަރަށް އުނދަގުލުގައި. އެހާމެ ތަކްލީފުގަ. ފުލުހުން ޚިދުމަތް ދެމުން އައީ ކަށިން ހިތްވަރު ނެރެގެން. ފުލުހުން ޚިދުމަތް ދެމުން އައީ އެފޭބުޅުންނަށް ތަހައްމަލު ކުރެވޭ ވޭނާ ގައިގަ އަޅަމުން ދިޔަ އެކި އެކި އިހްސާސްތައް ފޮރުވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ގައުމީ ވިސްނުމުގައި. ފުލުހުން ޚިދުމަތް ކުރަމުން އައީ އެމީހުންގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ގައުމާ ދިވެހި ފުލުހުންގެ ޚިދުމަތް އިސްކޮށްގެން. އެކަމަށްޓަކައި މިއަދާ ހަމައަށް ފުލުހުން ތިކުރައްވަމުން ގެންދަވާ ބުރަ މަސައްކަތާއި އަދި ދިވެހި ރައްޔިތުންނަށްޓަކައި ތި ދެއްވާ އަގުރި ޚިދުމަތަށްޓަކައި ތިޔަ ހުރިހާ ފުލުހުންނަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި އަޅުގަނޑުމެންގެ މިވުޒާރާއާއި އަދި ދިވެހިރައްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާސްތެރިކަމާއެކުގައި އައްސަރިބަހާއި ސާބަސް އަދި ޝުކުރު އަދާކުރަން.

 

އާދެ! މިދެންނެވިފަދަ ޙާލަތެއްގައި ފުލުހުން ޚިދުމަތް ދެމުން ދާކަން އަޅުގަނޑުމެން އެންމެނަށްވެސް ވަޒަންކުރެވޭ. އެހެންނަމަވެސް މިހާލަތު ބަދަލުކުރުމަކީ ޚަރަދު ބޮޑު، ބޮޑު ކޮމިޓްމަންޓެއް އޭގެ ތެރެއަށް ގެންނަންޖެހޭ، ސަރުކާރަކުން ނަގާނެ ވަރަށް ބޮޑު ފިޔަވަޅެއް. ފާއިތުވެ ދިޔަ އެކި އަހަރުތަކުގައި މިކަން ނުވެއޮތީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެސަބަބާހުރެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވީ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ދިވެހި ފުލުހުންގެ ޚިދުމަތް، ދެވޭނެގޮތް. އެގޮތަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުވެ ތިބެގެން ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގައި ރަނގަޅަށް ޚިދުމަތް ދެވޭނެގޮތްތަށް މެދުވެރިކޮށްގެން އެޚިދުމަތް ކުރިއަށް ގެންދިއުން. އެ ކޮމިޓްމަންޓާއެކު ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި ބޮޑު ޕްރޮޖެކްޓެއްގެ ތެރެއިން މިވަގުތު މިދަނީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވި ދިވެހިރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ދެމުން. މި 66 ރަށުގަ 2 އަހަރުދުވަސް ނުވަނީސް ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިގެން ދިއުމަކީ  ދިވެހި ފުލުހުންގެ ޚިދުމަތް ހިންގަވަން ތިއްބެވި ވެރިންނާއި އަދި ފުލުހުންގެ ވަރަށް އާދަޔާ ޚިލާފު މަސައްކަތެއް. މިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރ އާއި އެންމެހާ އެގްޒެކްޓިވް އޮފިސަރުންނާއި އަދި ދިވެހި ހުރިހާ ފުލުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

 

އާދެ! މިވަގުތު އަޅުގަނޑުމެން ގުނަމުން މިދާ ދުވަސްތައް ގުނަމުން ދާއިރުގައި ދިވެހިރާއްޖޭގެ 95 ރަށުގަ ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރިއަށް. މީގެ އިތުން ގިނައަދަދެއްގެ ފުލުހުން ބައެއް ހިސާބުތަކުގައި ބޭތިއްބުމަށްޓަކައި ފުލުހުންގެ އެކަމަޑޭޝަން ފެސިޓީތައް އެޅުމުގެ 4 ޕްރޮޖެކްޓެއް 4 ރަށުގައި މިވަގުތު ކުރިއަށް އެބަދޭ. އަދި ހަމައެއާ އެކުގައި އިތުރު 39 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށްޓުމަށްޓަކައި ކޮންޓްރެކްޓްތަކުގައި ސޮއި ކުރެވި ދެން ވާންޖެހޭ ތައްޔާރީތައް މިހާރުއެދަނީ ވަމުން.

 

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ފުލުހުންގެ މުއައްސަސާ ވަރުގަދަ ކުރުމަށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުލުހުންގެ އިންފްރާ ސްޓްރްކްޗަރ ވަރުގަދަ ކުރުމަށްޓަކައި  ކުރެވޭ އެންމެ ބޮޑު ތާރީޚީ މަސައްކަތް. މިމަސައްކަތް ކޮށްދެއްވާ ކަމަށްޓަކައި އަދުގެ ސަރުކާރުން މި ކޮމިޓްމަންޓް ދެއްވިކަމަށްޓަކައި  ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑުމެންގެ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.

 

ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ސަލާމަތަކީ އަދުގެ ސަރުކާރުގެ އެންމެ ބޮޑަށް އިސްކަންދޭ ކަންތައްތައް. ދިވެހި ފުލުހުންގެ ފަރާތުން އަޅުގަނޑުމެން ޑިމާންޑުކުރަން ދިވެހިރައްޔިތުންނަށް އެޚިދުމަތްތައް ދޭން. ހަމައެއާއެކުގައި އަޅުގަނޑުމެންގެ ޕްރޮމިސްއަކީ ދިވެހި ފުލުހުންނަށް ބޭނުންވާނެ ވަސީލަތާއި އިންފްރާސްޓްރަކްޗަރ އަޅުގަނޑުމެން ގާއިމު ކޮށްދޭނެކަން. ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން އަރުވާ ޔަގީން ކަމަކީ ދިވެހި ފުލުހުން 24 ގަނޑިއިރު ތިޔަ ލޮބުވެތި ރައްޔިތުންގެ ޚިދުމަތުގައި ފުރިހަމައަށް މަސައްކަތް ކޮށްދޭން ތައްޔާރަށް ތިބޭނެކަން. އަދި ތިޔަ ލޮބުވެތި ރައްޔިތުންނާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ނުރައްކަލަކާ ދޭތެރެއަށް ހުރަހަކަށްވެ އެކަމެއް ނައްތާލުމަށް، ދިވެހި ފުލުހުން ހަށިގަނޑާއި ފުރާނައިން ގުރުބާން ވާނެކަން. އަދި އަޅުގަނޑުމެންގެ ތުއްތު ކުދިން ބޮޑުވެގެން އަންނަނީ އަމާން މަހާއުލެއްގަކަން ކަށަވަރުކުރުން. ހަމައެއާއެކު އެ ތުއްތު ކުދިންނަކީ މިހާރުގެ ނުރައްކާތެރި މާހައުލު، ޑްރަގްގެ ވަބާއާއި ގޭންގް ކުށްތަކާއި އަދި ތުއްތު ކުދިން ކުށުގެ މާހައުލަށް ދަމައިގަންނަފަދަ ކަންކަމުން ސަލާމަތްވެފަ އޮންނަފަދަ މާހައުލެއް ހޯދާދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން. މިގޮތުން މިރެއަކީ އިންނަމާދޫގަ އަޅުގަނޑުމެންގެ ޚިދުމަތް ގާއިމުވެ ދިވެހި ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ރަސްމީކޮސް ފުލުހުންގެ ޚިދުމަތް ފެށިގެންދާނެ ތާރީޚީ ރެއެއް.

 

ދިވެހިރައްޖޭގައި މިއަހަރު ފެށިގެން މިހާހިސާބަށް އައިއިރުގަ  ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ގިނަ ރަށްތަކަށް އަމިއްލަފުޅަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާ އެ ރަށްރަށަށް ބޭނުންވާ އަދި ރައްޔިތުންނަށް ބޭނުންފުޅުވާ އެކިއެކި އުމުރާނީ ތަރައްގީގެ މަސައްކަތްތައް ފަށްޓުވާފަ. މި މަސައްކަތްތައް ފަށްޓަވާ ދިނުމަށް އަޅުގަނޑުމެންނަށް ވެސް ފުރުޞަތުތަކެއް ލިބިގެންދިޔަ. އޭގެ ތެރޭގައި ފުލުހުންގެ މަރުކަޒުތަކުގެ މަސައްކަތްތައް ފެށްޓުމުގެ ޝަރަފް އަޅުގަނޑަށްވެސް ލިބިގެންދިޔަ. ދުވާލަކު ހަތަރު ފަސް ރަށުގަ ފުލުހުންގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށިގެންދިޔައިރު ދިވެހި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ސުވާލު އުފައްދަމުންދޭ އަޅުގަނޑުމެންނަށް މިމަސައްކަތްތައް ކުރެވޭނެބާއޭ. މިމަސައްކަތްތައް ނިންމޭނެބާއޭ. މީ ހާދަބާލިދީއެކޭ މިއޮއްސަނީ. މީގެން ނަތީޖާއެއް ފެންނާނެބާއޭ. މީހަމަ ޖަހާލާ ކަޑައެއްބާއޭ. މިސުވާލުތަކުގެ ޖަވާބު ލިބެން ފަށާ އެއްރޭ މިރެއަކީ. ޖެނުއަރީ 23 2025 ގައި މިރަށުގަ   ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ހާޟިރުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅީ އަޅުގަނޑު. މާތް ﷲގެ އިރާދަފުޅާ އެކުގައި 9 މަހާއި 20 ދުވަސް ފަހުން މިއަދު މިއިމާރާތް މިހުޅުވަނީވެސް އިރާދަކުރެއްވީތީ އަޅުގަނޑު. މީގެއިން މިދައްކުވައިދެނީ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސްޕީޑް. މީގެއިން މިދައްކުވައިދެނީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ސްޕީޑް.  މީގެއިން ދައްކުވައިދެނީ ދިވެހި ސަރުކާރުން ރާއްޖޭގެ އުމުރާނީ ތަރައްގީއަށް މަސައްކަތް ކުރާނެ ސްޕީޑް. މީގެއިން ދައްކުވައިދެނީ ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށްޓަކައި ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ސްޕީޑް. މިއާ ދޭތެރޭގަ ހަމަޔަގީނުންވެސް އަޅުގަނޑުގެ ފަހަތުން މިފެންނަ އިމާރާތް ފެނުނު މީހަކު ޝައްކެއް ނުކުރާނެ.

 

މާތް ﷲ ގެ އިރާދަފުޅާއެކުގަ މި ދައުރު ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދާ ހުރިހާ ފުލުހުންގެ އިމާރާތެއް އިމާރާތްކޮށް ނިންމާ އެތަންތަން ހުޅުވާ އެތަންތަނުން ދިވެހި ރައްޔިތުންނަށް ގައުމީ ސަލާމަތަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ރަށްރަށުގަ ތިބެގެން ފުލުހުން ދޭން ފަށާނެ.

 

އާދެ! އަޅުގަނޑުމެން މި ބަދަލުކުރާ މާހައުލަކީ ދިވެހިރާއްޖޭގެ މުޅި ސަލާމަތީ ލޭންޑްސްކޭޕް. މީހަކަށް ބަލާއިރު ހީވެދާނެ އާދައިގެ ޕޮލިސް ސްޓޭޝަނެއް މީ އެހާ ބޮޑު ކަމެއްހެއްޔޭ. ޕޮލިސް ސްޓޭޝަނަކި ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ ސަލާމަތީ ހުރިހާ ޚިދުމަތެއް ފޯރުކޮށްދޭ މައި މަރުކަޒު. މަރުކަޒެއް ހުރުމުން ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްލިބި ކްރައިމް ޕްރިވެންޓް ކުރުމަށްޓަކައި ފުލުހުންނަށް 24 ގަޑިއިރު އެރަށުގައި މަސައްކަތް ކުރެވި އެރަށުގެ ރައްޔިތުންނާ އެކުގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 24 ގަޑިއިރު މަސައްކަތް ކުރަމުންދާނެ. ހަމައެއާއެކު މިއިމާރާތް ހުންނަހުރުމަކީ އެރަށެއްގެ ރައްޔިތުންނަށް އެރަށެއްގެ ތެރޭގައޮތް  ސަލާމަތާއި ރައްކާތެރިކަން އިހްސާސްކޮށްދޭނެ އަލިގަދަ ހެއްކެއް. މީ އަޅުގަނޑުމެން މިކުރާ ބޮޑު ބިޔަ މަޝްރޫޢުގެ  އަސްލު ބޭނުމަކީ. ދިވެހި ރައްޔިތުންނަށް ޑިޒަރވް ކުރެވޭ، ދިވެހި ރައްޔިތުން ބޭނުންފުޅުވާ، ދިވެހިރައްޔިތުންނަށް އެދެވޭ ފުލުހުންގެ ޚިދުމަތަކީ ފުލުހުންގެ މަރުކަޒުތަކުގަ ތިބެގެން ފުލުހުންގެ ޚިދިމަތް ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ދެމުން ދިއުން. އިންނަމާދޫއަށް މާތް ﷲގެ އިރާދަފުޅާއެކު މިރެއިން ފެށިގެން އެ ޚިދުމަތް އެގޮތުގަ ލިބިގެންދާނެ.

 

އާދެ! އަޅުގަނޑުގެ ދުޢާއަކީ ދިވެހި ފުލުހުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކޮށްދެއްވާ މި ބުރަ މަސައްކަތްޕުޅުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން. އަދި ދިވެހިރާއްޖޭގެ ތަރައްގީއަށާއި ޚާއްޞަކޮށް ދިވެހި ފުލުހުންގެ  އުމުރާނީ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ޕުޅުގައި  މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ރާއްޖެއަކީ އަބަދުމެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ވެފައިވާ އެހެންބަޔަކަށް އިސްއުފުލާ ކަތި ނަޒަރަކުން ބަލާލަން ނުކެރޭވަރުގެ ވަރުގަދަ، ހިތްވަރުގަދަ ފުލުހުންތަކެއް ޚިދުމަތް ކުރާ ގައުމެއްގެ ގޮތުގައި ތާއަބަދަށް  މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ލެހެއްޓެވުން.

 

ކުރިއަށް ދިވެހި ގައުމު. 

 

 

والسلام عليكم ورحمة الله وبركاته.